ޑީއެންއާރްގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން ވެރިކަންކުރާ ޕީއެންސީއަށް މެމްބަރުން އިތުރުކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ.
އެމްޑީޕީން ބުނީ އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ އަސާސީ ހައްގަކަށް އަރައިގަނެ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީއަށް މީހުން ވައްދާފައިވާތީ ކަމަށެވެ.
އެމްޑީޕީން ވަނީ އެ މައްސަލަ މީގެކުރިން ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ތަހުގީގުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް އެ ޕާޓީން ވަނީ އެދިފަ އެވެ. ނަމަވެސް ޕީޖީ އައްބާސް ޝަރީފް އެފަދަ އަމުރެއް މިހާތަނަށް ނެރުއްވާފައެއްނުވެ އެވެ.
ޑީއެންއާރުން ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ވަގު ފޯމު ފުރިކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށް މިއަދު އެ ޑިޕާޓްމެންޓުން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ހިމެނޭ "ހޯމް ޓީމް" އިން ޕީއެންސީގެ ފޯމް ފުރާފައިވާ ކަމަށެވެ.
އެމަސައްކަތް ކުރިއަށް ގެންދިޔައީ އެ ޑިޕާޓްމަންޓުގައި ވަކިން ހުރި މީޓިން ރޫމެއްގައި ކަމަށް ވިދާޅުވެ އެތަންވެސް ދައްކާފައިވެ އެވެ.
"އެ ތަނުގެ ތެރޭގައި އަޅުގަނޑުމެން ގެންގޮސްފައި އޮތް މަސައްކަތެކޭ އިޝާރަތް ތި ކުރައްވާ މަސައްކަތަކީ، މި ދެންނެވި ބީދައިން ވަކިން ހުރި މީޓިން ރޫމެއްގެ ތެރެއިން ކުރެވިފައި ހުރި މަސައްކަތެއް،" މަޖީދު ވިދާޅުވި އެވެ.
މަޖީދު ވިދާޅުވީ މިނިސްޓަރު އިހުސާން ފޯމްގެ މަސައްކަތް ކުރިޔަށް ގެންދެވީ ވަރަށް އިންތިޒާމް ކުރެވި، ރޭވިފައި އޮތް އެންމެން ވެސް އޭގައި ބައިވެރިވާ ގޮތަށް ކަމަށެވެ.
ވަގަށް ޕީއެންސީއަށް ވައްދާފައިވާ މީހުންގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުވެސް ހިމެނެ އެވެ.