ހުޅުމާލެ ތަރައްގީކޮށް ހިންގާ އެޗްޑީސީ ޕްރޮމޯޓްކުރަން މި ސަރުކާރު ހަވާލުވި ފަހުން 21 މީޑިއާއަކަށް ފައިސާ ބަހަމުންދާ ކަމަށް ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ"އިން ފޮނުވި ސުވާލުތަކަށް ޖަވާބު ނުދީ އެތައް ބަހަނާއެއް ދެއްކުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އެންގެވުމަކަށް ދިން ޖަވާބުގައި ބުނެފައި ވަނީ މި ކުންފުނިން ޖުމްލަ 21 މީޑިއާއަކާއެކު ހަބަރާއި އިޝްތިހާރު ގެނެސްދިނުމަށް އެއްބަސްވުން އެކުލަވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ފައިސާ ދެނީ ކޮން ނަމެއް ކިޔާ މީޑިއާތަކަކަށްތޯ އާއި ކޮންމެ މީޑިއާއަކަށް ދެމުންގެންދަނީ ކިހާ އަދަދެއްގެ ފައިސާތޯ ހޯދުމަށް ވެސް އެދިފައިވެ އެވެ.
ނަމަވެސް އެ ސުވާލުގެ ދެވަނަ އަދި ތިންވަނަ ނުކުތާގައި އެދިލައްވާފައިވާ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) އާ އާއި، އެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށް ބުނެ އެ މައުލޫމާތު ދޭން އެޗްޑީސީން ވަނީ ދެކޮޅު ހަދައިފަ އެވެ. މިކަމާ ގުޅޭ ގޮތުން އައިކޮމް ވަނީ އެ މައުލޫމާތަކީ ނުދީ ހިފެހެއްޓޭނެ މައުލޫމާތުތަކަށް ނުވާތީ އެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ދޭން އެޗްޑީސީގެ މައްޗަށް އަމުރުކޮށްފަ އެވެ.
ވައްކަމާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާ ކަމަށް މަޝްހޫރުވެފައިވާ އެޗްޑީސީން އަންނަނީ އެ ކުންފުނިން ހިންގާ މަސައްކަތްތައް ޕްރޮމޯޓްކުރަން އާއްމުކޮށް މީހުންނަށް ނުވެސް އެނގޭ އެތައް އޮންލައިން ނޫސްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ބަހަމުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި މަޖްލިސް މެމްބަރުންނާ ގުޅުން އޮންނަ ޓީވީތަކާއި އޮންލައިން ނޫސްތައް ހިމެނެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިސަރުކާރުން ފުރަތަމަ އައްޔަންކުރި ފަޒުލް ރަޝީދުގެ މައްޗަށް ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެ، ޕްރެޝަރަށް ކެތްނުކުރެވިގެން އެންމެ ފަހުން މިދިޔަ މަހު ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.