ހުޅުމާލޭގައި ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން 2013 ވަނަ އަހަރު ކުރިއަށްގެންދިޔަ މަޝްރޫއުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އެ މަޝްރޫއާ ގުޅިގެން އޮޑިޓް އޮފީހުން ހެދި ހާއްސަ އޮޑިޓެއްގައި ބުނެފި އެވެ.

ޕޮލިސް ފްލެޓްތަކުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ. ނޫމަޑިއަށް އެ މަސައްކަތް ނުވެގެން ދެން އެ މަސައްކަތް ހަވާލުކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ.

ގިނަ އަހަރުތަކަކަށް ދެމިގެންދިޔަ އެ މަޝްރޫއުގެ ދަށުން 13 ބުރީގެ ތިން ޓަވަރު ހުޅުމާލޭގައި އަޅާފައިވެ އެވެ. އެ މަސައްކަތުގެ އަސްލު އަގަކީ 580 މިލިއަން ރުފިޔާ ކަމަށް ވިޔަސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.

އެ މަސައްކަތާ ފަހުން ހަވާލުވި އައިލެންޑް އެކްސްޕާޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓެއް ކަމުން އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ބިލިއަނަކަށްވުރެ އެ މަޝްރޫއުގެ އަގު ބޮޑުވިޔަސް އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާއަށް މުޅި މަޝްރޫއު ނިންމޭނެ ކަމަށް އޮޑިޓް އޮފީހުން ލަފާ ކޮށްފައިވެ އެވެ.

"މި މަޝްރޫއުގެ އަގު އާދަޔާ ހިލާފަށް ބޮޑުވެފައި ވަނީ ޓެންޑާ ކުރުމުގެ އުސޫލުތަކާ ހިލާފަށް ސިންގަލް ސޯސްކޮށް ފަންނީ އަދި މާލީ ގާބިލްކަން ނެތް ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލު ކުރުމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކުގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވުމުންނާއި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކު ކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރެއިން ހިންގާފައިވާތީ،" އެ އޮޑިޓުގައި ބުނެފައިވެ އެވެ.

ސަބް ކޮންޓެކްޓަރުން ހިމެނޭހެން އެ ފްލެޓްތަކުގެ މަސައްކަތް ކުރި ކުންފުނިތަކުގެ ތެރެއިން އަމިން ކޮންސްޓްރަކްޝަން ފިޔަވައި އެހެން ހުރިހާ ކުންފުންޏަކަށް ވެސް ދޭންޖެހޭ ވަރަށް ވުރެ އިތުރަށް ފައިސާ ދޫކޮށްފައިވާކަން އޮޑިޓުން ހާމަވެ އެވެ. އެއީ ޖުމްލަ ހަ ކުންފުންޏެވެ.