ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ގުރުއަތު ނެގުން އޮންނާނީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ވޭތުވެ ދިޔަ އަހަރުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ކާމިޔާބީ އަށް ފަހު، ދިރާގުން މި އަހަރު ވަނީ "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއް، ޔަމަހާ އައުޓްބޯޑް އިންޖީނާއެކު ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިލައިފަ އެވެ. މި ގޮތުން، މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އަދި، މި އިނާމު ހާސިލްކުރާނެ ފަރާތަކީ ކޮބައިތޯ ބެލުމަށް އާންމުންގެ ތެރޭގައި ޝައުގުވެރިކަން އަންނަނީ އިތުރުވަމުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން ބުނިގޮތުގައި އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގައި ބޯޓު އުފެއްދުންތެރިކަމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއް ކުންފުނި އަލް ޝާލީ މެރިން މޯލްޑިވްސް އިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް މި ހައި ސްޕީޑް ލޯންޗާ އެކު 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް ޔަމަހާ އިންޖީނު ވެސް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
"ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބާއްވާ ފޯރިގަދަ އިވެންޓުގައި އެކިއެކި ދިވެހި މިއުޒީޝަނުންގެ ލައިވް ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި، މި އިވެންޓް ކުރިއަށްދާނީ، ގިނަ ރަހަތަށް ހިމެނޭ ފުޑް ސްޓޯލްތަކާ އެކު ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން އަންނަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.