ޓޫރިޒަމް މިނިސްޓަރު ކަމުން އިބްރާހިމް ފައިސަލް ވަކިކުރުމާއެކު ރައީސް މުހައްމަދު މުއިއްޒުގެ ރޯލް މޮޑެލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

ފައިސަލް މަގާމުން ވަކިކުރުމާއެކު އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ވާހަކަދައްކަވައިފަ އެވެ.

މިވަގުތު މެލޭޝިއާގައި ހުންނެވި އަބްދުއްރަހީމް "ދައުރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފައިސަލް މަގާމުން ވަކިކުރުމަކީ ރައީސް މުއިއްޒު ވަރަށް ދެރަވަރުކޮށް ކުރެއްވި ކަމެއް ކަމަށެވެ.

"ވަރަށް ދެރަވަރުކޮށް މިދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމުވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މިދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުމާ މެދު ސުވާލުކުރުމުން އޭނާ ވިދާޅުވީ، "އަޅުގަނޑާ ރައީސް އާ ދޭތެރޭ ގުޅުން ރަނގަޅު ނަަމަ މިކަން ނުހިނގާނެ" ކަމަށެވެ.

"މިވެރިކަން ފެށުނުއިރު [ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހުރިހާ"އާ ވާހަކަދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ ފައިސަލް މިނިސްޓަރުކަމުން ވަކިކުރީ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު އަބްދުއްރަހީމް ދިނުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ އިންޒާރު ދިން ސަބަބެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބްދުއްރަހީމް އެގޮތަށް އިންޒާރު ދިނުމުން އެއީ އެއްވެސް ބާރެއް ނެތް މީހެއްކަން ދައްކަން ފައިސަލް މަގާމުން ވަކިކުރީ. އަބްދުއްރަހީމާ ގުޅުން ތިބި އިތުރު މީހުންތަކެއް ވެސް ވަރަށް އަވަހަށް ވަކިކުރާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ރައީސް އަބްދުﷲ ޔާމީނަށް ދޯކާދީފައިވާ އަބްދުއްރަހީމް މި ސަރުކާރުގެ ތެރެއިން ބާކީވެ މަޖްލިސް މެމްބަރުންނާ ވެސް ވަނީ ގުޅުން ކެނޑިފައިވާ އެތައް މަހެއްވެއްޖެ އެވެ.