ތައިލެންޑްގެ ބެންކޮކް އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރަށް ސީދާ ދަތުރުތައް ފަށަން ޖެނެރަލް ސޭލްސް އެޖެންޓް (ޖޭއެސްއޭ) ގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއުލާނުކޮށްފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، އިން ނެރުނު އިއުލާނެއްގައި ވަނީ މި ހިދުމަތް ދެ އަހަރުގެ މުއްދަތަށް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. އެ ގޮތުން ޖޭއެސްއޭގެ ހިދުމަތް ދިނުމަށް އައިލެންޑް އޭވިއޭޝަންއާއެކު އެއްބަސްވުމަށްފަހު ޖޭއެސްއޭގެ ހިދުމަތްދޭ ކުންފުނިން ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ތަމްސީލުކޮށްގެން ނުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޖޭއެސްއޭގެ ހިދުމަތް ދޭ ކުންފުންޏަކީ ހަފުތާގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ދުވަހަކު މަދުވެގެން ހަ ގަޑިއިރު ހިދުމަތްދޭ ކުންފުންޏަކަށްވާން ޖެހެ އެވެ.
އައިލެންޑް އޭވިއޭޝަން މިހާރުވެސް ދަނީ އިންޑިއާގެ ދެ މަންޒިލަކާއި ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ.
ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ކުއަލަލަމްޕޫރަށާއި ބެންކޮކަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނެ ދުވަހެއް ނުބުނެ އެވެ.