ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމުގެ ޖަލްސާ ކުރިއަށް ދާއިރު، އިދިކޮޅު އެމްޑީޕީން މަޖިލިސްކުރާ ގެ ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.
މިއަދުގެ ޖަލްސާ 9:00 ގައި ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ބަޔާން އިއްވަވަން ފައްޓަވާފަ އެވެ. ނަމަވެސް މަޖިލިސް ތެރޭގައި އެމްޑީޕީގެ މެންބަރުން މުޒާހަރާ ކުރަމުން ގެންދަވާތީ މިވަގުތު ވަނީ ރިޔާސީ ބަޔާން މެދުކަނޑާލާފަ އެވެ.
ސަރުކާރުން ގާނޫނު އަސާސީއަށް ބަދަލުގެނެސް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވާލާ ކަމަށް ބުނެ "ގާނޫނުއަސާސީގެ ދިފާއު" ގައި އިހުތިޖާޖު ކުރާނެކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
މަޖިލިސް އިދާރާ ކައިރިއަށް މީހުން އެއްވެފައިވާއިރު އެ ސަރަހައްދުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށް، މަގުތައް ބަންދުކޮށްފަ އެވެ.
އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އާންމު މެންބަރުން ދަނީ އެންމެ ކައިރިވެވޭ ހިސާބުތަކުގައި އެމީހުންގެ ޝުއޫރުފާޅު ކުރަމުންނެވެ.
އެމްޑީޕީ ސަޕޯޓަރުންގެ އިތުރުން އެކި ޖަމިއްޔާތަކުން ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރާ އެކު ވަނީ އެއްވެފަ އެވެ.