އުރީދޫގެ މިދިޔަ އަހަރު ސާފު ފައިދާއިން ހިއްސާއަކަށް 3.40ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ގަތަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ އަދަދާއި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކޮށްފަ އެވެ.
މުއާސާލާތީ ވިޔަފާރިން ބޮޑު ފައިދާއެއް ކޮންމެ އަހަރަކު ހޯދާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައި ވަނީ ހިއްސާއަކަށް 3 ރުފިޔާ 43 ލާރި އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ރަޖިސްޓްރީވެފައިވާ މީހުންނަށް 2024 ވަނަ އަހަރުގެ ޑިވިޑެންޑް ލިބޭނެ ކަމަށެވެ.
ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު މިމަހުގެ 21 ވަނަ ދުވަސް ނިމުމުގެ ކުރިން އާންމުކޮށް ޝާއިއުކުރާނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އުރީދޫ މޯލްޑިވްސް އިން މިއަހަރުގެ މާޗް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހުށަހެޅިފައިވާ ޑިވިޑެންޑް ހިއްސާދާރުން ފާސްކޮށްފިނަމަ މިއަހަރުގެ މާޗް މަހުގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އުރީދޫ އިން ބުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 22 ވަނަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށެވެ. މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައްވެސް އާންމުކުރާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.