މިމަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް ބައި ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާ ތެރޭގައި ރާއްޖެއަށް 55،558 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 52،511 ޓޫރިސްޓުންނާ އަޅާބަލާއިރު، 5 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް ދާއިރާގެ ހިސާބުތަކަށް ބަލާލާއިރު، އަހަރުގެ މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ. އެ ދުވަހު ރާއްޖެއަށް 9،495 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 279،916 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 251،503 ޓޫރިސްޓުންނާ އަޅާ ބަލާއިރު 11.2 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާއިންނެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންގެ ތެރެއިން 69.7 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އަދި 25.4 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ގެސްޓުހައުސްތަކުގަ އެވެ.

ސަރުކާރުން މިއަހަރަށް ވަނީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފައިފަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ދެ މިލިއަން ޓޫރިސްޓުންނާ އަޅާ ބަލާއިރު 3 ލައްކަ ޓޫރިސްޓުން އިތުރު އަދަދެކެވެ.