ވެރިކަންކުރާ ޕީއެންސީގެ ރައީސްގެ މަގާމަށް ޕާޓީގެ ރައީސް ބޭފުޅަކު އައްޔަންކުރަން ޖެހޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނެސްފި އެވެ.
ޕީއެންސީގެ އޮފިޝަލަކު ވަނީ އެކަން "ހުރިހާ"އަށް ކަށަވަރުކޮށްދީފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ ބަދަލު ގެނެސްފައި ވަނީ އިއްޔެ އެ ޕާޓީގެ ލީޑާޝިޕުން ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
މިހާރު އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަން ކުރަންޖެހެނީ ޕާޓީގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމަކުންނެވެ. ނަމަވެސް މި ގެނައި ބަދަލާއެކު މިހާރު ޗެއާޕާސަން ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲގެ މަގާމަށް ވާނެ ގޮތެއް އަދި ނޭނގެ އެވެ.
މިފަދަ ބަދަލެއް ގެނެސްފައި މިވަނީ ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރައްވާފަ އެވެ. އަދި އެމްޕީއެލްގެ ސީއީއޯ ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަނބަލުންގެ ބަފައިބެ މުހައްމަދު ވަޖީހު އިބްރާހީމް ވެސް ވަނީ ވަކިކޮށްފަ އެވެ.
އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ ނުރަސްމީ މަޝްވަރާތަކެއް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން އަންނަނީ ކުރަމުންނެވެ.