ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފަށައިފި ނަމަ، ރައްދުގައި ޔަހޫދީންނަށް ޙަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ، ޔަމަންގެ ހަތިޔާރު އެޅި ޖަމާއަތް، ހޫތީން އިންޒާރު ދީފި އެވެ.

އެ ޖަމާޢަތުން ޔަހޫދީންނަށް އިންޒާރު ދީފައި މި ވަނީ، ޣައްޒާ އުދުވާން މެދުކަނޑައިލުމާ ގުޅޭ ގޮތުން އަމަލު ކުރަމުންދާ އެއްބަސްވުން ރޫޅާލުމާ މެދު ވިސްނަމުންދާ ކަން ޒަޔަނިސްޓު އިޒްރޭލުން ހާމަކުރުމާ ގުޅިގެންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ގަތުލުއާންމު ހިންގަން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެ އުދުވާން ހިންގުން މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމަށް ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާއި ޔަހޫދީންނާ ދެމެދު އަމަލުކުރަން ފަށާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ޔަހޫދީ ފައުޖުގެ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700 ވަނީ އުފުލިފަ އެވެ. އަދި މި ހަމަލާތަކުގައި ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދު 111,000 އަށް އަރާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުންޏެވެ.

އދ. އިން ބުނީ، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމަށެވެ.

ޣައްޒާ އުދުވާން ފެށުމާއެކު، ފަލަސްޠީނުގެ މުސްލިމުންނާއި ހަމާސަށް ވާގިވެރިވުމުގެ ގޮތުން ޔަމަންގެ ހޫތީން ވަނީ ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ހިންގަން ފަށައިފަ އެވެ. އެ ހަރަކާތުގެ ދަށުން ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދިނުމުގެ އިތުރުން ހޫތީން ވަނީ ޒަޔަނިސްޓު އިޒްރޭލްގެ ރަށްތަކަށް ވެސް ހަމަލާތައް އަމާޒުކުރަން ފަށައިފަ އެވެ.

ރަތް ކަނޑުގެ އިތުރުން އަދަން ކަނޑާއި، ބާބް އަލް-މަންދަބް ކަނޑު އަދި އިންޑިއާ ކަނޑުން ދަތުރު ކުރާ ބައެއް އުޅަނދުފަހަރަށް ވެސް ހޫތީންގެ ހަމަލާތައް އަމާޒު ކޮށްފައިވެ އެވެ.

އެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރުގެ ތެރެއިން ހޫތީންގެ ހަމަލާތައް އަމާޒުކުރަމުން ގޮސްފައި ވަނީ ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރާއި، އިޒްރޭލަށް މުދާ އުފުލާ އުޅަނދުފަހަރުގެ އިތުރުން ޔަހޫދީންގެ މަދަދުގާރުން ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށެވެ.

މި ގޮތުން، ޣައްޒާ އުދުވާން ފެށި ފަހުން އެ ސަރަޙައްދުން ދަތުރު ކުރި 100 އެއްހާ އުޅަނދަށް ހަމަލާދީ، ހޫތީން ވަނީ އޭގެ ތެރެއިން ދެ އުޅަނދު ފައްތާލައިފަ އެވެ. އެމެރިކާއާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އުޅަނދުފަހަރާއި، އެ ދެ ގައުމުގެ އަސްކަރީ މަނަވަރުތަކަށް ހޫތީން ހަމަލާ ދޭން ފަށާފައި ވަނީ، އެ ދެ ގައުމުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެންނެވެ.

ޣައްޒާ އުދުވާން އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންުޔާހޫ އިއުލާނު ކުރުމުން ހޫތީން މި ވަނީ ޔަހޫދީންނަށް ނުރައްކާތެރި އިންޒާރެއް ދީފަ އެވެ. އަދި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ގަތުލުއާންމު ހިންގަން އަލުން ފަށައިފި ނަމަ، ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް އަލުން ފެށުމަށް ތައްޔާރަށް އޮތް ކަން ހާމަކޮށްފަ އެވެ.