ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާ ސާބިތުވުމުންނެވެ.

ނަޒާހާ ބުނާގޮތުގައި ޝާހިދު މަރާލީ އޭނާގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ އަދި ނަޒާހާ އެ ހަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ނުބެލެވޭ ކަމަށާއި އަދި ނަފްސާނީ މައްސަލައެއް ހުރިކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

މިގޮތަށް ނިންމީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދުގެ އަގުލަބިއްޔަތުންނެވެ.

ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ނިންމެވީ ނަޒާހާގެ ކިބައިގައި ޝާހިިދު މެރުމުގެ ގަސްދެއް ނެތް ކަމަށެވެ. އެ ދެ ފަނޑިޔާރުންގެ ރައުޔަކީ ގަސްދުގައި މީހަކު މެރިކަމުގެ އަދަބު ނުދެވުނު ނަމަވެސް ފަރުވާ ކުޑަ އަމަލަކުން މީހަކު މެރުމުގެ އަދަބު ނަޒާހާއަށް ދޭންޖެހޭނެ ކަމަށެވެ.

ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ނަޒާހާ މީގެ ކުރިން ކޯޓުގައި ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާއުގައި ދިން ހަމަލާއަކުން ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށް އޭނާ ތަހުގީގުގައި ކުށަށް އިއުތިރާފުވި އެވެ.

ނަޒާހާގެ އުމުރު ދުވަހުގެ ޖަލު ހުކުމުން ފަސް އަހަރުގެ ހުކުމް ރައީސް މައާފްކޮށް ދެއްވާފައިވާތީ އޭނާ ދެން ޖަލުގައި ހޭދަކުރަން ޖެހޭނީ ފަސް އަހަރު ދުވަހެވެ.