ހުޅުމާލޭގެ މަގުތަކުގައި ހުންނަ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް މޮނިއުމެންޓް ހަދަން ނިންމުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެތަންތަނުގައި ގަސް އިންދަން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް (ޕޮކަންޑި) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމުންގެ ނުރުހުމާ އެކު، ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް ބިނާތައް އެޅުމުގެ ޕްލޭން އެ ކުންފުނިން އަލުން މުރާޖައާ ކޮށްފައިވާ ކަމަށެވެ.
އިއްޔެ އެ ކުންފުނިން 'ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑް' ޕްރޮޖެކްޓްގެ ގްރީންސްކޭޕިން ނިންމާލާފައިވާ ކަމަށާއި ރައުންޑްއަބައުޓްތަކުގައި އިންދާފައިވާ ބަގީޗާ ގަސްތައް ހެދި ބޮޑުވެ، މާތައް އަޅައި ފޮޅެން ފެށުމުން އިތުރަށް ހިތްގައިމުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ހުންނެވިއިރު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މޮނިއުމަންޓްތަކެއް ބެހެއްޓުމަށް ނިންމަވާ މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތެއް އެޗްޑީސީން ވަނީ ބާއްވާފަ އެވެ.
އެންމެ ރީތި ޑިޒައިނަކަށް އެއްލައްކަ ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާ އެ އެ މުބާރާތަށް ޖުމްލަ ހަތް ހުށަހެޅުމެއް ލިބުނެވެ.
މުބާރާތުގެ އެއްވަނައަށް ދިޔަ ޑިޒައިނާ ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން، އެއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރަހާފައިވާ ޑިޒައިނެއް ކަމަށް ގިނަ މީހުން ތުހުމަތުކުރި އެވެ. އެ ކުންފުންޏަށް ލިބިފައިވާ ޝަކުވާތަކަށް ބެލުމަށް ފަހު، އެ ޑިޒައިންތައް ރިވިއުކުރާ ކަމަށް އެޗްޑީސީން ފަހުން ވަނީ ބުނެފަ އެވެ.