ބީއެމްއެލް އިން އައްޑޫގައި ފުރަތަމަ ފަހަރަށް ޑޮލަރު އެޓީއެމްއެއް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީއެމް ބަހައްޓާފައި ވަނީ ބީއެމްްއެލްގެ ހިތަދޫ ބްރާންޗުގަ އެވެ.

ބީއެމްއެލް ޑޮލަރު އޭޓީއެމް ރަސްމީކޮށް ހުޅުވައި ދެއްވީ ހިތަދޫ ބްރާންޗުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ. އަދި އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން އަންނަނީ އައްޑޫގައި ބޭންކިން ހިދުމަތް އިތުރަށް ހަރުދަނާ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ސ. ހިތަދޫ ބްރާންޗް ބްރާންޗްގައި ބެހެއްޓި ޑޮލަރު އޭޓީއެމްގެ ހިދުމަތް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޝަރީފު ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫގައި ގާއިމްކުރި ޑޮލަރު އޭޓީއެމްއަކީ 24 ގަޑިއިރު ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ލިބޭނެ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މި އޭޓީއެމްގެ އިތުރުން މިހާރު ވެސް ހިތަދޫ ބްރާންޗުގައި އިތުރު ދެ އޭޓީއެމް ގާއިމްކޮށްފައިވެ އެވެ. އެއީ ރުފިޔާ ނެގުމާއި ޖަމާކުރުމަށް ހާއްސަ ސެލްފް ސާވިސް އޭޓީއެމްއަކާއި، ރުފިޔާ ނެގުމަށް ހާއްސަ އެއް އޭޓީއެމް އެވެ.

އައްޑޫއަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްއިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެގޮތުން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 151 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތް ދެމުން ދެ އެވެ.