ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ކުރިއަށް ދަނިކޮށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފި އެވެ.
މީކާއިލްގެ ނަން އިއްވީ އިހުސާން ވާހަކަ ދައްކަވަމުން ދަނިކޮށް ތަކުރާރުކޮށް މީކާއިލް ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވުމުންނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މީކާއީލް ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވީ އެކަން ކުރަން އޮންނަ އުސޫލަކުން ނޫނެވެ. އެހެންވެ މަޖިލީހުގެ ރިޔާސަތުން ވަނީ މީކާއިލްގެ ނަން އިއްވުމުގެ ކުރިން މަޖިލީހުގެ ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް ތަކުރާރުކޮށް މީކާއީލްއަށް ނަސޭހަތްތެރިވެފަ އެވެ. އެކަމަކު މަޖިލީހުގެ ރައީސްގެ އެންގެވުމާ އެއްގޮތަށް މީކާއިލް އަމަލުނުކުރެއްވުމުން މަޖިލީހުގެ ރައީސް ވަނީ އޭނާގެ ނަން އިއްވާފަ އެވެ.
ނަން އިއްވުމުން މީކާއީލް ވަނީ މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފަ އެވެ. އެހެންވެ މީކާއީލް ނެރުނީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މުވައްޒަފުން ބޭނުންކޮށްގެންނެވެ.