ދިރާގަށް މިދިޔަ އަަހަރު ލިބުނު 946 މިލިއަން ރުފިޔާ އިން ހިއްސާއަކަށް 8.70ރ. ބަހަން ފާސްކޮށްފި އެވެ.

އެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ކަނޑައެޅީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި 144 ހިއްސާދާރުން ބައިވެރިވި ކަމަށް ދިރާގުން ބުނެ އެވެ. މީގެ ތެރޭގައި 113 ހިއްސާދާރުން އަދި 36 ހިއްސާދާރުންގެ ޕްރޮކްސީ ދީފައިވާ ފަރާތްތައް ހިމެނޭ ކަަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ ކުރީ އަހަރުތަކާ ވެސް އެއްފަދައިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނަގައިފައި ވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ. އެގޮތުން 71،335،282 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ހަތަރު ރިޒޮލިއުޝަން ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2023 ވަނަ އަހަރާއި އަޅައިބަލާއިރު 5.9 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ހިތުމަތްތައް އިތުރަށް ފުޅާކުރުމާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަޕްރައިސް ސެގްމަންޓްގެ ޕާފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާ ކަމަށް ދިރާގުން ބުނެ އެވެ. އަދި 2023 ވަނަ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު ދިރާގުގެ އިބިޓާ ވަނީ 5.1 ޕަސެންޓްގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ހޯދައި، 2023 އަށް ވުރެ 5.5 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

އެ ކުންފުނިން ބުނީ ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ދިރާގުން މިދިޔަ އަހަރު 574 މިލިއަން ރުފިޔާ ހަރަދުކޮށް، ނެޓްވޯކް ފުޅާކޮށް ހަރުދަނާކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ.

ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފަ އެވެ. މީގެ ތެރޭގައި، 2024 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނެ އެވެ.