މާރާމާރީގެ ކުށެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އިނގިރޭސި ވިލާތުގެ މަޖިލިސް މެމްބަރެއް ކަމަށްވާ މައިކް އެމެސްބަރީއަށް އެ މަގާމުގެ ފުރިހަމަ މުސާރަ ދޭން ނިންމައިފި އެވެ.
އެގައުމުގެ މަޖިލީހުގައި ރަންކޯން އަދި ހެލްސްބެރީގެ ދާއިރާ ތަމްސީލުކުރާ މައިކް 10 ހަފްތާއަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ އެ ދާއިރާގެ އާއްމު ރައްޔިތެއްގެ މޫނުމަތީގައި ޖެހުމުންނެވެ.
ކޯޓުގެ އަމުރާއެކު ޖަލުގައި ދުވަސްތައް ހޭދަ ކުރަމުން އަންނަ މައިކްގެ މުސާރަ މިހާރު ވެސް ހިނގަމުން އަންނަ ކަމަށް އެގައުމުގެ ހަބަރުތައް ބުނެ އެވެ.
އެގޮތުން އޭނާ ޖަލުގައި ހުންނަ ދެ މަސް ދުވަހު ވެސް މަޖިލިސް މެމްބަރަކަށް ލިބޭ 91000 ޕައުންޑްގެ ފުރިހަމަ މުސާރަ އޭނާއަށް ލިބޭނެ އެވެ.
އެއާއެކު މައިކްގެ އިސްތިއުފާއަށް ގޮވާ މީހުންނާއި އިނގިރޭސި ވިލާތުގެ ގާނޫނު ބަދަލު ކުރަން ގޮވާލާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އެކަމާ ދެކޮޅަށް އިހުތިޖާޖުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހަކަށް މަޖިލީހުގެ މެމްބަރުކަމާއި އެ މަގާމުން ލިބޭ މުސާރަ ހައްގެއް ނުވާނެ އެވެ.