ސުޕްރީމް ކޯޓުގެ ތިންް ފަނޑިޔާރަކު ސަސްޕެންޑު ކުރަން މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެޓާނީޖެނެރަލް އަހްމަދު އުޝާމް ވެސް އެދިފައިވާކަން އެނގިއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރަން މިއަދު ކުއްލި ބައްދަލުވުމެއް ބާއްވަން އެދުނު މެންބަރުންގެ ތެރޭގައި އޭޖީ އުޝާމް ވެސް ހިމެނެ އެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ މައްސަލަ ހުށަހެޅުމުގައި ވެސް އުޝާމް ވަނީ އިސްކޮށް ހަރަކާތްތެރިވެފަަ އެވެ.

އުޝާމުގެ އިތުރުން މި މައްސަލާގައި ސޮއިކުރެއްވި ޖޭއެސްސީގެ މެންބަރުންގެ ތަފުސީލެއް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ. އެ ބައްދަލުވުން ބާއްވަން ދިނީ އެންމެ 13 މިނެޓްގެ ނޯޓިހެކެވެ.

މިއަދު ސަސްޕެންޑުކޮށްފައި ވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.

އެ ބައްދަލުވުމަށް އެހާ ކުރު މުއްދަތެއް ދިނީ ގިނަ ބަޔަކަށް ބައިވެރިނުވެވޭގޮތް ހެދުމަށް ކަމަށް "ހުރިހާ"އަށް މައުލޫމާތު ހިއްސާކުރެއްވި ބޭފުޅުން ވިދާޅުވި އެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީ މެދުވެރިކޮށް އެ މީހުންގެ ބޮލުގައި ވުޖޫދުގައި ނެތް މައްސަލައެއް އެޅުމަށްފަހު އެވެ.