ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ އީ ވޮލެޓް "ދިރާގުޕޭ"ގެ އައު ޕްލެޓްފޯމް މުޅިން އައު ފީޗާތަކަކާއެކު ލޯންޗްކޮށްފި އެވެ.
މި ޕްލެޓްފޯމް ލޯންޗްކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު މުނައްވަރު އެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ގަވަރުނަރު ވަނީ ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ބޭންކުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގުކަމަށް ފާހަގަކުރައްވައިފަ އެވެ. އަދި، ދެ ފަރާތް އެއްކޮށް މަސައްކަތް ކޮށްގެން، ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ޒަރިއްޔާއިން ދިވެހިރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުކުރެވިދާނެ ވާހަކަ ގަވަރުނަރު ވިދާޅުވި އެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ ދިރާގު ފިންޓެކްގެ ޗެއާމަން އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި، ކުރިން ހަމައެކަނި އީ- ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ދިރާގުޕޭގެ ޕްލެޓްފޯމް މިހާރު މިވަނީ ސޮފިސްޓިކޭޓެޑް ޕޭމަންޓް ސިސްޓަމަކަށް އަޕްގްރޭޑްކޮށްފަ އެވެ. އަދި، ދިރާގުގެ ނެޓްވޯކްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ނެޓްވޯކްކަމަށް ފަހުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.
މިއާއެކު، ދިރާގުގެ ދެން އޮތް އަމާޒަކީ، ކަސްޓަމަރުންނާ، ވިޔަފާރިތަކާ، މުޖުތަމައުއަށް، އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދީ، ގައުމު އިތުރަށް ކުރި އެރުވުމެވެ. އެހެންކަމުން، ދިރާގުޕޭ އަށް މި ގެނައި ބަދަލުތަކަކީ ދިރާގުން ބޭނުންވާ މިސްރާބަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސީއީއޯ ސިފަކުރެއްވި އެވެ.
ދިރާގުޕޭއަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ދިރާގު ފިންޓެކްގެ މެނޭޖިން ޑިރެކްޓަރު ފަޒްލީނާ ފާކިރު ވިދާޅުވި ގޮތުގައި ދިރާގުޕޭއަށް މި ގެނައި އަޕްގްރޭޑަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ބޭނުންކުރެވޭނެ ޕްލެޓްފޯމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދިރާގުޕޭގެ ތަސައްވުރަކީ ފިންޓެކް ސޮލިއުޝަންތައް އެއްވެސް ބަޔަކު ބާކީ ނުކޮށް، ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި ފަޒްލީނާ އެވެ.
ދިރާގުން ބުނިގޮތުގައި އަޕްގްރޭޑްކޮށްފައިވާ ދިރާގުޕޭގެ އައު ޕްލެޓްފޯމް އިން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ، ބިލަށް ފައިސާދެއްކުން ހިމެނެ އެވެ. އަދި ކުރީގެ ޕްލެޓްފޯމް ބޭނުން ކުރަމުން ދިޔަ ފަރާތްތަކުގެ އެކައުންޓްގައި ބާކީ ހުރި ފައިސާ، ރައްކާތެރިކަމާއެކު އާ ޕްލެޓްފޯމަށް މައިގްރޭޓް ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގު ފިންޓެކްއަކީ، ދިވެހިރާއްޖޭގެ މާލީ ނިޒާމުގައި ހިމެނޭ ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން 2023 ވަނަ އަހަރު އުފައްދައިފައިވާ، ސައްތައިން ސައްތަ ދިރާގު ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏެކެވެ.
އެމްއެމްއޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރައިގެ ޚިދުމަތް ތައާރަފްކުރުމާއެކު، ދިރާގު ފިންޓެކްވެގެން ގޮސްފައި ވަނީ ބޭންކު ނޫން ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅުނު ފުރަތަމަ ފަރާތަށެވެ. ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މި ކުންފުނި ދަނީ ހަރަކާތްތެރިވަމުންނެވެ.