އޭޕްރީލް މަހު ފޮނުވާ ފެންބިލުން 10 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
ރޯދަ މަހު ފެނާއި ކަރަންޓުން ޑިސްކައުންޓް ދިނުމަށް ނިންމަވައި ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެޕްރީލް މަހު އެ ކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލުތައް އާންމު މަހަކަށް ވުރެ ބޮޑު ނުވާނޭ ގޮތުގެ މަތިން ވަކި އުސޫލަކާ އެއްގޮތަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން:
"އާންމު މަހެއްގައި" ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ، މިދިޔަ އަހަރުގެ ފެބްރުއަރީ، މާޗް އަދި އެޕްރީލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރަށް
ކަނޑައެޅޭ "އާންމު މަހުގެ" ބިލުގެ މިންވަރަށް ވުރެ އެޕްރީލް މަހު ތައްޔާރު ކުރެވޭ ބިލު ބޮޑު ނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން އުނިކުރާނެ
އުނިކޮށްދެވޭ މިންވަރަކީ އެޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއް ކަމުގައިވާ ނަމަ، 10 ޕަސެންޓާ އެއްވަރަށް ޑިސްކައުންޓުގެ މިންވަރު މަތިކޮށްދޭނެ
އެޕްރީލު މަހު ފޮނުވާ ބިލު "އާންމު މަހުގެ" ބިލަށް ވުރެ ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ
އެޕްރީލް މަހުގައި އަލަށް ބިލު ކުރެވޭ މީޓަރުތަކަށާއި ކުރިން ރެޖިސްޓާ ކުރެވިފައި ވިނަމަވެސް، މިހާތަނަށް ތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އެޕްރީލް މަހު ފޮނުވާ ބިލު ކަމުގައިވި ނަމަ، އެފަދަ ފަރާތްތަކަށް ވެސް އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ކަސްޓަމަ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެ އެވެ.