ރާއްޖެއަށް ކިލޯއެއްގެ ޑްރަގް އެތެރެކުރި މީހެއްގެ އަދަބު ލުއިކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހަދައި, އޭނާގެ ޖަލު ހުކުމުން ދެ ބައިކުޅަ އެއްބައި އުނިކޮށްދީފި އެވެ.
ޕީޖީ އޮފީހުން މިދިޔަ މަހު އިއުތިރާފްގެ އެއްބަސްވުމެއް ހަދައިގެން އަދަބު ލުއިކޮށްދިނީ ޖުލައި، 2023 ގައި ވައިގެމަގުން ރާއްޖެއަށް އެއް ކިލޯއެއްހާ ޑްރަގް އެތެރެކުރި އަހުމަދު ވިސާމް ނަމަކަށް ކިޔާ މީހަކަށެވެ.
އޭނާ ގެނައި ކަރުދާސްއެ ފޮށިގަނޑުގައި އޮތް ފުޅިއެއްގެ ތެރެއިން 480.8 ގްރާމުގެ ކެނެބިސް އާއި އިތުރު ފުޅިއެއްގެ ތެރެއިން 481.9 ގްރާމު ކެނެބިސް ފެނިފައިވެ އެވެ.
ޑްރަގް އެތެރެކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ނަމަވެސް ޕީޖީ އޮފީހުން މިދިޔަ މަހު ވިސާމާއެކު އެއްބަސްވުމެއް ހެދީ އޭނާގެ ޖަލު ހުކުމް 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ކުޑަކޮށް އަދި ޖޫރިމަނާ ވެސް 50،000ރ. އަށް ކުޑަކުރުމަށެވެ.
އެ އެއްބަސްވުމާ އެއްގޮތަށް ކޯޓުން މިދިޔަ ހަފުތާގައިވަނީ އޭނާއަށް އަދަބު ކަނޑައަޅައިފަ އެވެ. ނަމަވެސް އޭނާ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހެނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
މިހާރުގެ ޕީޖީ މަގާމަށް ވަޑައިގަތްފަހުން ޑްރަގް މައްސަލަތަކުގައި މިގޮތަށް އިއުތިރާފްގެ އެއްބަސްވުން ހަދައިގެން މީހުންނަށް ލުއިދީފައި އެބަހުއްޓެވެ.