ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި ފުވައްމުލަކު ފެނަކަ އިންޖީނުގެއިންނާއި ވެމްކޯގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ މަސައްކަތުގެ އިޚްލާސްތެރިކަމާއި ފެންވަރަށް ބެލުމެއް ނެތި، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާތީ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެގޮތަށް މުވައްޒަފުން ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އާމްދަނީ ލިބޭނެ މަގު ބަންދުވެ، އެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ އިގްތިސާދީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

މިއީ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެވިފައިވާ ވައުދުތަކާއި، އިންސާފުވެރިކަމާއެކު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނާ ސަރުކާރުގެ އުސޫލުތަކާ ފުށުއަރާ ކަމެއްކަމަށްވެސް ކައުންސިލުން ބުންޏެވެ.

އެއްކޮޅުން އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، އަނެއްކޮޅުން މަތީ ފަންތީގެ މަގާމުތަކާއި ސިޔާސީ މަގާމުތައް އިތުރުކުރެވެމުންދާކަމުގެ ކަންބޮޑުވުންތައް އާންމުންގެ މެދުގައި އުފެދިފައިވާކަން ކައުންސިލުން ފާހަގަކުރެ އެވެ.

އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި، ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި، ސިޔާސީ ސަބަބުތަކަށްޓަކައި އާދައިގެ މުވައްޒަފުންގެ ވަޒީފާ ގެއްލުވާލުމަކީ އެތައް ބައެއްގެ ހައްގުތަކަށް ސީދާ އުނިކަން ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި މަހު މާލެއަށް ފުވައްމުލައް ސިޓީ ކައުންސިލުން ކުރި ދަތުރުގައި ވެމްކޯ އަދި ފެނަކައާއެކު ބޭއްވުނު ބައްދަލުވުންތަކުގައި، ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ދެ ކުންފުނިން ދިނެވެ.

ނަމަވެސް، އެ ޔަގީންކަން ދިނުމަށްފަހު ކުއްލިގޮތަކަށް ޕްރޮޖެކްޓް ހުއްޓާލުމާ ގުޅިގެން ވަޒީފާއިން ވަކިކުރާ ވާހަކަ ދެއްކުމަކީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާ ކަމެއް ކަމުގައި ކައުންސިލުން ދެކެ އެވެ.

މި ނާޒުކު ހާލަތުގައި ބިކަވަމުންދާ އާއިލާތަކުގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ވަޒީފާގެ މާހައުލުގައި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ކަމާބެހޭ އެންމެހާ މުއައްސަސާތަކުންނާއި މިނިވަން ކޮމިޝަންތަކުން މިކަންކަމަށް އިސްކަންދީގެން އަވަހަށް ބެލުމަށް ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން ނިކަމެތިވަމުންދާ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށާއި، ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އަނބުރާ ވަޒީފާ ދިނުމަށްވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.