ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން، މިހާތަނަށް 600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް ސަރުކާރުގެ ފަރާތުން އިޢުލާންކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުވާލާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ލިސްޓަށް ޝަކުވާއަށް ހުޅުވާލިފަހުން މިހާތަނަށް 675 ޝަކުވާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާއަކާއި ދެ ކޮޓަރީގެ ލިސްޓާ ގުޅޭ 223 ޝަކުވާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ އެ ވުޒަރާއަށް ސިޓީއަކުން ހުށަހެޅޭނެ ހައުސިން މިނިސްޓްރީން ބުނެ އެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ވުޒާރާގެ 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިހާރު އިޢުލާންކޮށްފައިވާ ލިސްޓްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން މިމަހުގެ ނިޔަލަށް ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފްލެޓު ލިބެނީ 1820 މީހުންނަށެވެ. އެއީ 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނާއި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.