އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ ކޮރަޕްޝަންގެ މައްސަަލައެއް ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ފަރާތުން އެ ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.

ޝާމިލްގެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން އޭސީސީގެ ރައީސް ޝާމިލްކޮށް ސޮއިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އަޒްމިރާލްދާ ސަސްޕެންޑު ކުރީ "ޖިނާއީ ތަހުގީގެއް" ހިންގަމުންދާ ކަމަށް ބުނެ ޝާމިލް ސޮއިކޮށް ފޮނުވި ސިޓީއަކަށް ބިނާކޮށެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން މިއަދު ހުށަހެޅި މައްސަލާގައި ވަނީ އެ ސިޓީގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ކަމަށް ވަނީ ފާހަގަކޮށްފަ އެެވެ.

އެގޮތުން ޝާމިލް ސޮއިކުރި ސިޓީގައި ސިޓީ ނަންބަރެއް ނެތުމާ ޖޭއެސްސީއަށް އަޒްމިރަލްދާގެ ޖިނާއީ ތަހުގީގެއް ހިންގާކަން އެންގިއިރު އެފަދަ ތަހުގީގެއް އޭނާގެ މައްޗަށް ކުރަން އޭސީސީން ނިންމާފައި ނުވާކަން އަޒްމިރާލްދާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވެ އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ހަމައަށް ވެސް މައްސަލަ އޮތީ ޕްރީ-އިންވެސްޓިގޭޝަން މަރުހަލާގައި ކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތުކަން ހާމަވާ ކަމަށް ވެސް އެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.

އެފަދަ ސިޓީއެއް ޝާމިލް ޖޭއެސްސީއަށް ފޮނުވީ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވެސް އަޒްމިރާލްދާގެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.

"ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލައި ފަނޑިޔާރުން ސަސްޕެންޑު ކުރުވުމަށް ސިޓީ ފޮނުވާފައި ވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށްދިނުމަށާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށް އެ ކޮމިޝަނުގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތުގައި ކަމަށް ދެކެމެވެ،" ފަނޑިޔާރު ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.