އެމްޑީޕީން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެމްޑީޕީގެ ދެ އެކްޓިވިސްޓުން ކަމަށްވާ ފާތިމަތު ޝިއުނާ އާއި މަރިޔަމް ޒުބައިރު (މަންދީ) ވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މަންދީއަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ވަނީ މާދަމާގެ މެންދުރުފަހު 1:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހާޒިރުވާން އަންގާފަ އެވެ. ޝިއުނާއަށް ފޮނުވާފައިވާ ޗިޓުގައި އަންގާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 1:30 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.

އެ ދެ މީހުން ފުލުހަށް ހާޒިރު ކުރަނީ މާޗު 10 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެންނެވެ. އެ ދެ މީހުންނަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ހިމެނެއެވެ.

އެ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް ފުލުހަށް ހާޒިރުކޮށްފައިވާ މީހުންގެ ތެރޭގައި އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ އިތުރުން ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިން ހިމެނެ އެވެ.

އެ މުޒާހަރާތަކާ ގުޅިގެން މީގެކުރިން ދެ މީހަކު ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.