ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދާ ގުޅޭގޮތުން ވާހަކަދެއްކި ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މާޒް ސަލީމް ފުލުހަށް ހާޒިރުކުރަނީ މާދަމާ ރޭ 8:30 އަށެވެ.

ފުލުހުން މާޒް ސަލީމަށް ފޮނުވި ޗިޓްގައި ވަނީ ކުޑަކުއްޖެެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކަމަށެވެ.

އޭނާއަށް ކުރާ ތުހުމަތަކީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކައަށް ހިތްވަރުދީ ވާހަކަދެކި ކަމުގެ ތުހުމަތެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ނިންމީ ރައީސް މުއިއްޒުގެ ދަރިކަލަކު ވޭޕް ބޭނުންކުރިކަން ފަޅާއެރުމުން ކަމަށް ބުނެ އެންމެ ފުރަތަމަ ވާހަކަ ދެއްކީ މަންދީއެވެ.

އޭގެފަހުން ގިނަ ފަރާތްތަކަކުން އަންނަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ.

އެ މައްސަލައާ ގުޅިގެން މަންދީ އާއި އެެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ މައްޗަށް މަދަނީ ދައުވާ ކުރަން ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނިންމަވާފަ އެވެ.