ކޯޓުތަކުގެ ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލު އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމުން އެ ބިލް އިތުރަށް އިސްލާހު ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ނަމަވެސް އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވެވީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އަދަދު 7 އިން 5 އަށް މަދުކުރަން މި އިސްލާހު މަޖިލީހުން އޭރު ފާސްކުރީ ރޯލްކޯލް ވޯޓަކުންނެވެ.
މި ބިލު އަނބުރާ މަޖިލީހަށް ފޮނުވުމުން ބިލް އިތުރަށް އިސްލާހު ކުރުމަށް ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.
އަނބުރާ ފޮނުވާލި ބިލް އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހިއިރު، 50 މެންބަރުންގެ ވޯޓުން އެގޮތަށް ފާސްކުރި އެވެ. ބިލް އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.
ބިލް އަނބުރާ މަޖިލީހަށް ފޮނުއްވަވާ ރައްޔިތުުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސް މުއިއްޒު ފޮނުއްވެވި ސިޓީގައި ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ.
އެ ގޮތުން ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީ އިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ ރައީސްގެ ސިޓީގައި ވިދާޅުވީ ގާނޫނުއަސާސީއަށް ރިއާޔާތްކުރާއިރު މަގާމުގައި ހުރި ފަނޑިޔަރަކު ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި ޖޭއެސްސީ އިން މަޖިލީހަށް އެ ފަނޑިޔާރެއްގެ ނަން ހުށަހެޅިދާނެ ކަމަށް ނުފެންނަ ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯތުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން މިހާރު ބަލަމުން ގެންދާއިރު އެ މައްސަލަތައް ބަލައި އެ މައްސަލަތަކާމެދު ވަކި ގޮތެއް ނިމުމުގެ ކުރިން ބިލުގައި ކަނޑައަޅާފައިވާ ގޮތަށް އަދި އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫން ފަނޑިޔާރުން ކަނޑައެޅުމުގެ އިޖުރާއަތު ހިންގުމަކީ ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ފުށުއަރާ އަދި އިންސާފުވެރިކަމާ ދުރު އަދި ހަމަހަމަ ކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލު ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑީޔާރުންގެ ގާބިލުކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމެއްކަން ފާހަގަކޮށް ރައީސްގެ ސިޓީގައި ވަނީ މި ބިލު ތަސްދީގުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން އޭރު ފާސްކޮށްފައިވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ނިންމުމާ އެކު އެވެ. އެ ބިލް ފާސްކުރީ އެ މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވަން ތާވަލް ކޮށްފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދާ އެ މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމާ އެކު މި ވަގުތު އޮތީ ހުއްޓިފަ އެވެ.