ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ކުއްލި ގޮތަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ގޮތުގެ މައްސަލަ އދ.އަށް މިއަދު ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ސަސްޕެންޑްކޮށްފައިވަނިކޮށް ފަނޑިޔާރު ކަމުން މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ.

ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އޭނާއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

އަދި އެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރު މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެ ބިލު ފާސްކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އަޅައި އެ ކޯޓުން ބަލަމުންދިޔަ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ބޭރު ކޮށްލުމަށް އަންގައި ނުފޫޒު ފޯރުވި ކަމަށް ހުސްނުއްސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައި އެ ކޯޓުގެ ކޮންޓްރޯލް ނަގަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުސްނުއްސުއޫދު މައްސަލައެއް ހުށަހަޅާފައިވާއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ގުޅިގެން އެ ކޯޓުގައި ދުސްތޫރީ އެއްވެސް މައްސަލައެއް ހިންގުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ކޮމިޝަނުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އެ މައްސަލައިގެ އިތުރުން ޑރ. އަޒްމިރަލްދާ އާއި މަހާޒުގެ އިތުރު މައްސަލަތަކެއް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުވުމަށް އެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަކާއި ހައި ކޯޓުގެ އެޑްމިނިސްޓްރޭޓަރު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބޭއަދަބީކޮށް ހުސްނުއްސުއޫދު ވާހަކަދެއްކެވިއިރު، ބެންޗުގައި މަހާޒު އާއި އަޒްމިރަލްދާ އިން ކަމަށް ބުނާ މައްސަލަ އެވެ.

ހުސްނުއްސުއޫދު އދ. އަށް ހުށަހެޅުއްވި މައްސަލައިގައި ބުނީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށެވެ. އެގޮތުން މީގެ ކުރީގެ ސަރުކާރުތަކުން ވެސް ބޭނުން ނުވާ ގޮތަކަށް ކޯޓަކުން ހުކުމެއް ކޮށްފި ނަމަ އެ ހުކުމެއް ކުރާ ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ހުސްނުއްސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން 2013 ގެ ފަހުން އުފެދުނު ހުރިހާ ވެރިކަމެއްގައި ވެސް ވައުދުވިކަން ފާހަގަކުރައްވައި ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ މިހައިތަނަސް ވެސް އެއްވެސް ސަރުކާރަކުން އެ ވައުފު ނުފުއްދައި ޖޭއެސްސީ ބޭނުން ކުރަމުން ދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.

އަދި އެ ހާލަތު 2018 ވަނަ އަހަރުގެ އިންތިހާބާއި 2023 ވަނަ އަހަރު ބޭއްވި އިންތިހާބުތަކުން ސަރުކާރު ހިންގާ ފަރާތްތަކަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު ލިބުމުން އިތުރަށް ގޯސްވި ކަމަށް ހުސްނުއްސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

ދައުލަތުގެ ތިން ބާރުގެ ފުރިހަމަ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ހުސްނުއްސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓައިލަން ގޮވައިލުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ހުސްނުއްސުއޫދު ހުށަހެޅުއްވި މައްސަލައިގައި، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ ހަމައިން ދެން ކަންތައްތައް ވެގެންދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ލިޔުއްވާފައިވެ އެވެ.