ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސައިން ޝަހީދު އައްޔަންކުރުމާ މެދު ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަލީހުގެ ލަފަޔަކަށް އެދިވަޑައިގެންފިއެވެ.
އެނގިފައިވާގޮތުގައި އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ރައީސް މުއިއްޒު މިއަދު ވަނީ އެދިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދަށް ޖޭއެސްސީ މެދުވެރިކޮށް ސަރުކާރުން ޕްރެޝާކުރަން ފެށުމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ރޭ ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާއަރުވާށެވެ.
އެގޮތަށް ރައީސް މުއިއްޒަށް ލަފާ ލިބިވަޑައިގަތުމުން ޝަހީދުގެ ނަން ފޮނުއްވާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށެވެ. މަޖިލިހުގެ ރުހުން ލިބުމުން ދެން އޮންނާނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަން ކުރެއްވުމެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމް ވެސް ފުރުއްވާފަ އެވެ.
ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.