ރާއްޖޭގެ ހާލަތު އޮތްގޮތުން އިތުރަށް ފައިސާ ޗާޕުކޮށްފި ނަމަ އިގްތިސޯދީގޮތުން ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ޑެޕިއުޓީ މަގާމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ.
އިމާދުގެ އިސްތިއުފާގެ ސިޓީގައިވާގޮތުން އިތުރަށް ފައިސާ ޗާޕުކުރުމުން ބޭންކިން ސެކްޓަރުގައި ހުރި "އެކްސަސް ލިކުއިޑިޓީ" ނުވަތަ އެކްސަސް ފައިސާ ބޮޑުތަނުން އިތުރުވާނެ އެވެ. ނަތީޖާއެއްގެ ގޮތުން އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށް އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހުޅުމާލެއިން 11 ބިލިއަނެއްހާ ރުފިޔާއަށް ބިމެއް ގަންނަން ފައިސާ ޗާޕްކުރަން އެމްއެމްއޭގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. އެމްއެމްއޭ އިން އެ ނިންމުން ފާސްކުރި ބޯޑު ބައްދަލުވުމުގައި އިމާދު ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އޭނާ އާއި އިތުރު ބޯޑު މެންބަރުންތަކެއް ވަނީ އެ ނިންމުން ރިވިއުކުރަން ހުށަހަޅާފަ އެވެ.
އިމާދު ވިދާޅުވީ އެ ނިންމުން ރިވިއުކުރަން ހުށަހެޅި ހުށަހެޅުން ކުރިއަށްގެންދަން ގަވަރުނަރު މުނައްވަރު ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށެވެ.
ފައިސާ ޗާޕުކުރުމުން "ފިސްކަލް ކޮންސޮލިޑޭޝަން" ނުވަތަ ޑެފިސިޓާއި ދަރަނި ކުޑަކުރުމުގެ ބަދަލުގައި ފިސްކަލް ސިޔާސަތު ހީނަރުވާން މަގުފަހިވާނެ ކަމަށް އިމާދުގެ ސިޓީގައިވެ އެވެ.
"ރުފިޔާގެ ލިކުއިޑިޓީ މެނޭޖްކުރުމަށް މިހާރު ވެސް ކުރަން ޖެހިފައިވާ ހަރަދު އިތުރުވެ، އެމްއެމްއޭގެ ބެލެންސް ޝީޓު ހީނަރުވެގެންދާނެ އެވެ. އެހެން ކަމުން މިކަންކަމަކީ އެމްއެމްއޭގެ މައިގަނޑު މަގްސަދު ކަމުގައިވާ ޕްރައިޒް ސްޓެބިލިޓީ ހިފެހެއްޓުމާ ސީދާ ފުށުއަރާ ކަމެކެވެ." އިމާދުގެ ސިޓީގައިވެ އެވެ.
ރާއްޖޭގެ މާލީ ނިޒާމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް އިމާދު ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ހަރަދުތައް ކުޑަނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހާއްސަކޮށް ބޭރުގެ ދަރަނި އިތުރުވެގެންދާ ދިއުމަކީ މެކްރޯ އިކޮނޮމިކް ހަމަޖެހުމަށް ނޭދެވޭ އަސަރުކުރަމުންދާ ކަމެކެވެ. ހާއްސަކޮށް ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ ރިސްކު މަތިވެފައިވެ އެވެ. ރިސްކުތައް ކުޑަކުރުމަށް އެމްއެމްއޭ އިން ޕްރޫޑަންޑް ރެގިއުލޭޓަރީ ފިޔަވަޅުތައް އަޅަން މަޖުބޫރުވެ އެވެ،" އޭނާ ވިދާޅުވި އެވެ.
އިމާދު އިސްތިއުފާދެއްވީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.