ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުގެ ދިފާއުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ބަޔާން ނެރުމަކީ ވެސް ކުށެއް ކަމަށް ބަލައި، އޭނާގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން ހިންގާ ތަހުގީގުތަކާ ގުޅޭގޮތުން އަޒްމިރަލްދާގެ ވަކީލު ގެންދަވަނީ ބަޔާންތައް ނެރުއްވަމުންނެވެ.
މިއަދު މެންދުރުފަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ވަނީ އަޒްމިރަލްދާގެ ވަކީލު ބަޔާންތައް ނެރުމަކީ ކުށެއް ކަމަށް ބަލައި، ސުލޫކީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ނިންމާފަ އެވެ. އެކަމުގައި އަޒްމިރަލްދާ ކުށްވެރިވާ ކަމަށް އެ ކޮމިޝަނުގެ ބައެއް މެންބަރުން ވަކާލާތު ކުރެ އެވެ.
އެ މައްސަލަ ބެލުމަށް އެ ކޮމިޝަނުގައި ތިއްބަވާ ފަނޑިޔާރުން ދެކޮޅު ހެއްދެވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރާ މެންބަރުން ވަނީ އެ މައްސަލަ ބަލަން ވަކާލާތުކޮށް، ހުށަހެޅުންތައް ހުށަހަޅައި ވޯޓުދީ ފާސްކޮށްފަ އެވެ.
"ހުރިހާ"އާ ވާހަކަދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށެވެ. އެކަން ކުރުމަށް ބެލި ދެ ސުލޫކީ މައްސަލައަކީ ވެސް އެއްވެސް އަސާސެއް ނެތް މައްސަލައެއްކަން ހާމަވުމުން އޭނާގެ ސުލޫކީ މައްސަލައެއް އިތުރަށް ނުފެންނާނެ ކަމަށް ޖޭއެސްސީގެ ބައެއް މެންބަރުން ރައީސް މުއިއްޒަށް ދެންނެވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ދެން ރައީސް މުއިއްޒު ވިދާޅުވީ ވަކިކުރެވޭނެ އިތުރު ގޮތެއް ހަމަނެތީތޯ. އެގޮތެއް ބައްލަވާށޭ. ދެން ޖޭއެސްސީގައި ތިއްބެވި އެމަނިކުފާނަށް ވަފާތެރި މެންބަރުން ވިދާޅުވީ ވަކީލުން ބަޔާން ނެރުމަކީ ކުށެއްކަމަށް ހަދަންށޭ ދެން ޖެހޭނީ،" އޮފިޝަލް ވިދާޅުވި އެވެ.
އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ނަމަވެސް އެއީ އަޒްމިރަލްދާއަށް ވެސް ތުހުމަތު ކުރެވޭ މައްސަލަ އެވެ.