ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ޝަހީދު ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވިވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަންކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައި، އޭނާގެ އެނަންފުޅު މަޖިލީހަށް ފޮނުއްވުމާ ގުޅިގެން އެމައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު މައްސަލައިގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހަޅައި ބަހުސްކުރެއްވުމަށްފަހު އެވެ.
މައްސަލަ ދިރާސާކުރުމުގައި ޖުޑިޝަރީ ކޮމިޓީން ނިންމެވީ ޖޭއެސްސީން ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ލަފާދެއްވާފައިވަނީ އެ ކޮމިޝަނުން ރަނގަޅަށް ދިރާސާކުރެއްވުމަށްފަހު ކަމަށް ކަމަށްވުމުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ނުފެންނަ ކަމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމުމަށްފަހު އެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހުސްނުއް ސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެގޮތުން، އެ މަގާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމަށް ހުޅުވާލުމުން ކުރުމަތިލައްވާފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ގާޒީކަން ކުރިން ކުރައްވާފައިވާ މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ. ނަމަވެސް ސަރުކާރުން ނިންމީ ޝަހީދުގެ ނަން މަޖިލީހަށް ހުށަހެޅުމަށެވެ.