ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ގާލް ގެޑޮޓްގެ ހޮލީވުޑް ވޯކް އޮފް ފޭމް ހަފްލާއަށް މުޒާހަރާކުރާ މީހުންގެ ސަބަބުން ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު އޮތް އެ ހަފްލާ އޮތް ސަރަހައްދަށް ފަލަސްތީނަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ އެއްވެ ގާލްއާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ އެވެ.
އެގޮތުން އެ މީހުން ވަނީ އިޒްރޭލާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހަފްލާ ކުރިއަށް ދިޔަ ވަގުތު އެތަނުގައި މުޒާހަރާ ކޮށްފަ އެވެ.
ގާލްއަކީ އިޒްރޭލަށް ނިސްބަތްވާ އެކްޓަރަކަށްވާއިރު އޭނާ ވަނީ އެގައުމުގެ އަސްކަރިއްޔާ އަށްވެސް ހިދުމަތް ކޮށްދީފަ އެވެ. މިހާރު ކުރިއަށްދާ ފަލަސްތީނު - އިޒްރޭލުގެ ކުރިމަތިލުންތަކުގައި ގާލް ވަނީ ފާޅުގައި އިޒްރޭލަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ.
މުޒާހަރާ ކުރާ މީހުންގެ ސަބަބުން އެ ހަފްލާ ނުފެށި 15 ވަރަަށް މިނެޓު ލަސްވިއިރު ވަކި ހިސާބަކުން އެއްވެ ތިބި މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގި އެވެ.
އެއްވެ ތިބި މީހުންނަށް އަޅާލުމެއް ނެތި އެ ހަފްލާގައި ވާހަކަ ދައްކަމުން ގާލް ބުނީ އޭނާއަކީ އިޒްރޭލުގެ ކުޑަ އަވަށަކުން ބޮޑެތި ހުވަފެންތަކަކާއެކު އައި މީހެއް ކަމަށެވެ.
ގާލްއަކީ އިނގިރޭސި ސުޕަ ހީރޯ ފިލްމު "ވޮންޑާ ވުމަން" އިން އާއްމުންގެ ސަމާލުކަން ހޯދި ފަރާތެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޑިޒްނީގެ ކުރިއަށް އޮތް ފިލްމު "ސްނޯ ވައިޓް"ގެ ލައިވް އެކްޝަން ފިލްމުންނެވެ.