ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭގެ ފުލުހުން މިރޭ ބަލައި ފާސްކޮށްފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ފުލުހުން މިރޭ ފާސްކުރީ ޝަމްއާން ދިރިއުޅޭ މ. ސިލްވާލައިންގެ އެޕާޓްމަންޓެވެ.

ފުލުހުން އެ އެޕާޓްމަންޓަށް ވަނީ މިރޭ 12 ޖަހާކަންހާއިރު އެވެ. ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު އެ ގޭކައިރީގައި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ހުރި މަންޒަރު ވެސް ފެނިފައިވެ އެވެ.

ފުލުހުން އެ ގެ ބަލައި ފާސްކުރުމަށްފަހު ޝަމްއާންގެ ލެޕްޓޮޕް އާއި ފައިސާ ވެސް ގެންދިޔަ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް މީޑިއާއަށް ހާމައެއް ނުކުރެ އެވެ.

ޝަމްއާން ކުއްލިއަކަށް މަގާމުން ވަކިކުރިއިރު އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.

ފުލުހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގެ ބައެއް ތަފްސީލް ދެމުން ބަޔާނުގައި ބުނީ އިއްޔެ ރޭ ހާއްސަ އޮޕަރޭޝަނެއްގައި ހިންގާ ގެއެއް ވަނީ ބަލައި ފާސްކޮށް 3 މީހަކު ހައްޔަރުކުރި ކަމަށެވެ.

ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ކުއްލި ގޮތަކަށް ވަކިކުރުމަށްފަހު އެ މަގާމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު ވަނީ އައްޔަންކޮށްފަ އެވެ.