ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއެއް ބަލާފާސްކޮށް ބަޔަކު ޑިޓެންޝަނަށް ގެންދިއުމަށްފަހު ދޫކޮށްލިއިރު، ބިދޭސީއެއްގެ އަތުގައިހުރި 530،000ރ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ ގެއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިކަމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޓެއިންކުރަން އާންމުކޮށް ހަރަކާތްތެރިވާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓު ސެކްޝަން ނޫން، އެހެން ސެކްޝަންތަކެއްގައި އުޅޭ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން އުޅޭ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި ބަލައިފާސްކުރި ގެއިން ޑިޓެންޝަނަށް ގެންދިޔަ ބިދޭސީން އަތުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ހުރިއިރު، އެ މީހުން ޑިޓެންޝަނަށް ގެންދިޔަތާ އެއް ދުވަސްފަހުން ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނުގައި ހުރި ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި މިނިވަންކުރި ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ ފައިސާއާއެކު ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިހުރި ބިދޭސީ މީހާ ޝަމްއާންގެ އެންގެވުމަށް އެރޭގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އެކަމުގައި އަމަލީ ގޮތުން އުޅުނު އިމިގްރޭޝަންގެ މުވައްޒަފުން މަގުމަތިން ބިދޭސީމީހާއާ ބައްދަލުކޮށް އޭނާ އަތުގައިހުރި ފައިސާ ގެންގޮސްފައިވާ ކަމަށެވެ.
އަދި އެފައިސާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ޝަމްއާން ދިރިއުޅުއްވާ ގެއަށް ކަމަށްވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މި މައްސަލައިގައި ކޯޓު އަމުރުގެ ދަށުން 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް، އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި ޝަމްޙާން ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިހާރު ތަޙުޤީޤުކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ޝަމްއާން މަގާމުން ވަކިކޮށް އެ މަގާމަށް ވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހް އައްޔަންކުރައްވާފަ އެވެ.