ދައުލަތުގެ ހަރަދުގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ރައްޓެހިން ކ. އާރަށަށް ގެންދަވާ މައްސަލަ އޭސީސީން ނުބަލަން ނިންމައިފި އެވެ.
މި މަހުގެ 16 ވަނަ ދުވަހު އަމިއްލަ ފަރާތަކުން މި މައްސަލަ އޭސީސީއަށް ހުށަހަޅަމުން ބުނެފައިވަނީ ރައީސްގެ ދަރިކަލުން ރައްޓެހިންނާއެކު ފުޓުބޯޅަ ކުޅުމަށް އާރަށަށް ފޮނުވާކަމަށާއި، މިކަމާ ގުޅޭ ހުރިހާ ޚަރަދެއް ކުރަނީ ދައުލަތުގެ ފައިސާއިން ކަމަށާއި، މިއީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެ ކުރަމުންދާ ކަމެއް ކަމަށެވެ.
މި މައްސަލަ އޭސީސީގައި ރަޖިސްޓްރީ ނުކުރުމަށް ނިންމައި އޭނާއަށް ފޮނުވި ލިޔުމުގައި އޭސީސީން ބުނީ އާރަށަކީ ރައީސުލްކުމްހޫރިއްޔާއަށް ހާސަކުރެވިފައިވާ ރަށެއް ކަމަށާއި މިރަށާއި ގުޅޭ ހުރިހާ ކަމެއް ކުރަމުން ގެންދަނީ ޑިފެންސް މިނިސްޓްރީން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ރައީސްއާއި އެމަނިކުފާނުގެ އާއިލާއަށް ދެވޭ ހިމާޔަތާއި ރައްކާތެރިކަމާއި ދަތުރުފަތުރުކުރުމުގެ އެންމެހައި ކަންކަން ކުރަނީ ޑިފެންސުން ކަމަށް ވާއިރު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސްގެ އަނބިކަނބަލުން، އެފަރާތްތަކުގެ ރަސްމީ ހައިސިއްޔަތު ނުވަތަ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭނެ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާތީ، މައްސަލަ ރަޖިސްޓްރީ ނުކުރަން ނިންމާފައިވާ ކަމަށް އެލިޔުމުގައި ބުނެފައިވެ އެވެ.
އޭސީސީން މިގޮތަށް މައްސަލަ ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން ދައުލަތުގެ ހަރަދުގައި ރައީސްގެ އާއިލާއިން ކިތަންމެ ގިނަ ބަޔަކު އާރަށަށް ގެންދިޔަ ނަމަވެސް އޭސީސީއަށް އެއީ މައްސަލައަކަށް ނުވުމަކީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން އޭސީސީއަށް މައްސަލައަކަށް ނުވުން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.