އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ބިދޭސީއެއްގެ އަތުން ރިޝްވަތުގެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ އަންހެނުންގެ ފޯނު ހިފަހައްޓައި، އިތުރު ދެ މީހަކު ފުރުން މަނާކޮށްފި އެވެ.

ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިމިގްރޭޝަންގެ ދެ އޮފިސަރަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ އިރު، ހިފެހެއްޓީ ޝަމްއާން އަންހެނުންގެ ފޯނުކަން ފުލުހުން ބުނެފައިނުވެ އެވެ.

ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއެއް ބަލާފާސްކޮށް ބަޔަކު ޑިޓެންޝަނަށް ގެންދިއުމަށްފަހު ދޫކޮށްލިއިރު، ބިދޭސީއެއްގެ އަތުގައިހުރި 530،000ރ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ ގެއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ރިޝްވަތުގެ މައްސަލާގައި ޝައްމާނުގެ އިތުރުން އިމިގްރޭޝަންގެ ތިން އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޝައްމާނުގެ ބަންދަށް އިއްޔެ 15 ދުވަސް ޖަހާފައިވެ އެވެ. ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އެ އޮފިސަރުންނަކީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންނެވެ.