ފުލުހުން ތަހުގީގު ކުރަމުން އަންނަ އިމިގްރޭޝަނާ ގުޅުންހުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.

އެ މައްސަލައިގާ ހައްޔަރު ކޮށްފައިވަނީ ކ. މާލެ، ގ. ލިޓޯނިޔާ، އުމުރުން 36 އަހަރުގެ، މުހައްމަދު ޝަމްއާން ވަހީދު، ތ. ބުރުނީ، މޫނިމާގޭ، އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ކ. މާލެ، ގ. ހެޕީސައިޑް، އުމުރުން 37 އަހަރުގެ އިބްރާހީމް އަހްމަދު، ހަމަ އެ ގޭ، އުމުރުން، 47 އަހަރުގެ، ހަސަން ސަހެޝާން އަދި ކ. މާލެ، މ. ހަޒާރީވިލާ، އުމުރުން 40 އަހަރުގެ އަހްމަދު ލައްސާން އެވެ.

ފުލުހުން ބުނެފައިވަނީ ލައްސާން ފިޔަވައި ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ 21 ވަނަ ދުވަހުގެ ރޭގައި ކަމަށާއި ލައްސާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާރު މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއެއް ބަލާފާސްކޮށް ބަޔަކު ޑިޓެންޝަނަށް ގެންދިއުމަށްފަހު ދޫކޮށްލިއިރު، ބިދޭސީއެއްގެ އަތުގައިހުރި 530،000ރ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ ގެއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.