އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ބޭނުންކުރަމުން ގެންދިޔަ ޖަނެރޭޓަރަކަށް މައްސަލަ ދިމާވެ، އެ ސިޓީން ކަރަންޓް ކަނޑާ ވަގުތު އިތުރުކޮށްފި އެވެ.

ފެނަކައިން ބުނީ 1000 ކިލޯވޮޓުގެ ޖެނެރޭޓަރަކަށް އަނެއްކާ ވެސް މައްސަލަ ދިމާވެ، ކަރަންޓް ކަނޑާ ވަގުތު އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

"ތާވަލު ކުރެވުނު ގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް 1000 ކ.ވ ގެ އިންޖީނަކަށް މައްސަލަ ދިމާވެ ހުއްތިފައި ވާތީ، ކަރަންޓު ކަނޑަންޖެހޭ ވަގުތު އިތުރު ކުރަން ޖެހިފައިވާ ވާހަކަ ދަންނަވަން،" ފެނަކައިން ފޮނުވި މެސެޖުގައި ބުންޏެވެ.

ކަރަންޓް ކަނޑާލާ ސަރަހައްދުތައް ދުރާލައި އަންގާނެ ކަމަށް ފެނަކައިން ބުންޏެވެ. މީގެ އިތުރުން ހަވީރު 6:00 ގެ ފަހުން ކަރަންޓު ނުކަނޑާވޭތޯ ބަލާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރޯދަ މަސް ފެށުމުގެ ކުރިން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ވަނީ އައްޑޫ ރައްޔިތުންނަށް ދެއްވާފަ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް އިތުރު ޖަނެރޭޓަރުތަކެއް އެ ސިޓީއަށް ފޮނުވި ނަމަވެސް އެ މައްސަލަ އަދިވެސް ހައްލުކުރެވޭ ގޮތެއް ނުވެ އެވެ.

ރޯދަ މަހު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކު ކަރަންޓް ކަނޑަމުންދާތީ ގިނަ ރައްޔިތުންނަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އެގޮތުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި އޮތް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީން ވަނީ ބޭރުކޮށްލައިފަ އެވެ.

އެ މައްސަލަ ބަލައިގަތުމަށް ޕީއެންސީން ވޯޓު ދެއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން އެކަންޏެވެ.