މިސްރުގެ ރަތް ކަނޑު ސަރަހައްދުގައި ހިމެނޭ ރިސޯޓެއް ކައިރިއަށް ސަބްމެރިނެއް ފެތި 6 ފަތުރުވެރިން މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ރަޝިޔާއަށް ނިސްބަތްވާ 6 ފަތުރުވެރިންނެވެ. ސަބްމެރިން އިން ދަތުރުކުރި ދަތުރުކުރި އިތުރު 39 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ސިންދުބާދު ސަބްމެރިންސް އިން ހިންގާ 44 މީހުންގެ ޖާގައިގެ މި ސަބްމެރިން ފެތިފައިވަނީ ހުރަގަދާގެ މެރިއަޓް ހޮޓެލް ރިސޯޓާ ގާތްގަނޑަކަށް 1 ކިލޯމީޓަރު ދުރުގަ އެވެ. އެއް ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ސަބްމެރިން މައްސަލަޖެހި ފެތުނީ އެ ސަރަހައްދުގެ މުރަކަތައް ބެލުމަށް ކުރި ދަތުރެއްގަ އެވެ.

ހުރަގަދާގައި ހުރި ރަޝިއާގެ ކޮންސިއުލޭޓުން ބުނެފައިވާ ގޮތުގައި މި ސަބްމެރިންގައި 45 ރަޝިޔާ ފަތުރުވެރިންނާއި ފަޅުވެރިން ތިބި ކަމަށާއި، މުރަކަތައް ބެލުމަށް ކުރި މި ދަތުރުގައި އުޅަނދަށް މައްސަލަޖެހި ހާދިސާހިނގީ ގާތްގަނޑަކަށް ހެނދުނު 10:00 ގައި ކަމަށެވެ.

ހުރަގަދާގައި ހުރި ރަޝިއާގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެ އެވެ.

މިސްރުގެ ކަމާބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކުއްލި އެހީ ފޯރުކޮށްދޭ ޓީމުތަކުން 39 މީހުން ސަލާމަތްކުރެވިފައިވެ އެވެ.

ސިންދުބާދުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެ ކުންފުނިން 25 މީޓަރު (80 ފޫޓު) އަޑިއަށް ފައިބާ ދެ ސަބްމެރިންގައި ފަތުރުވެރިކަމުގެ ކުރު ދަތުރުތައް ކުރެ އެވެ. ވެބްސައިޓުގައި ބުނެފައިވާ ގޮތުން، އެ ކުންފުނީގެ ސަބްމެރިންތަކުން ފަތުރުވެރިންނަށް ނުތެމި ރެޑް ސީގެ ފެނުއަޑީގެ ދުނިޔޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުޞަތު ދެއެވެ.

މިސްރުގައި ފަތުރުވެރިންނަށް ރެޑްސީ ދައްކާލުމަށް ދަތުރުކުރާ ސަބްމެރިން

ހުރަގަދާއަކީ ކައިރޯއިން ދެކުނު-އިރުމަތީ ދިމާލުން 280 މޭލު ދުރުގައި އޮންނަ ރިސޯޓެކެވެ. މިއީ ބޭރުގެ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ މަންޒިލެކެވެ. މިދިޔަ އަހަރު މި ސަރަޙައްދުގެ ވައިގެ ބަނދަރަށް 9 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ސަބްމެރިން ފެތި 6 ފަތުރުވެރިން ވަނީ މަރުވެފައި

މި ސަރަޙައްދުގައި ކޮންމެ ދުވަހަކު ސްނޯކަލިންގ އާއި ޑައިވިންގ ހަރަކާތްތަކަށް އެތައް ފަތުރުވެރި އުޅަނދުތަކެއް ދަތުރުކުރެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު، މިފަދަ އެހެން ހާދިސާއެއްގައި 24 ފްރާންސް ފަތުރުވެރިން އުޅަނދު ފެތުމުގެ ކުރިން ސަލާމަތްކުރެވުނެވެ.