މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއެއް ބަލާފާސްކޮށް ބަޔަކު ޑިޓެންޝަނަށް ގެންދިއުމަށްފަހު ދޫކޮށްލިއިރު، ބިދޭސީއެއްގެ އަތުގައިހުރި 530،000ރ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ ގެއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ
ޝަމްއާނުގެ ފަރާތުން ވަނީ މުޅި މައްސަލައިގެ ތަހުގީގު ގާނޫނާ ހިލާފުވާނެ ކަމަށާއި، އެ ތަހުގީގާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބާތިލުވާނެ ކަމަށް އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފަ އެވެ. ނަމަވެސް، އެ ކަން ސާބިތު ކުރުމަށް ގާނޫނީ އަސާސެއް ހުށަހަޅާފައި ނުވާ ކަމަށް ހައި ކޯޓުގެ ނިންމުގައިވެ އެވެ.
ޝަމްއާންއާއި އިމިގްރޭޝަންގެ އިތުރު 3 އޮފިސަރަކު ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ ހޮނިހިރު ދުވަހެވެ.
ޝަމްއާންގެ އިތުރުން އެ މައްސަލައިގާ ހައްޔަރު ކޮށްފައިވަނީ ތ. ބުރުނީ، މޫނިމާގޭ، އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ކ. މާލެ، ގ. ހެޕީސައިޑް، އުމުރުން 37 އަހަރުގެ އިބްރާހީމް އަހްމަދު، ހަމަ އެ ގޭ، އުމުރުން، 47 އަހަރުގެ، ހަސަން ސަހެޝާން އަދި ކ. މާލެ، މ. ހަޒާރީވިލާ، އުމުރުން 40 އަހަރުގެ އަހްމަދު ލައްސާން އެވެ.