ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ނިޔާޒް ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.

އެހެންވެ، އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް (ޖޭއެސްސީ) އިން ހުޅުވާލި އެވެ.

އެ މުއްދަތު މިއަދު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ނިޔާޒެވެ. މިވަގުތު ހައިކޯޓް ހިންގުމާ ހަވާލުވެ ހުންނެވީ ވެސް ފަނޑިޔާރު ފައިސަލެވެ. ފަނޑިޔާރު ނިޔާޒަކީ ޖޭއެސްސީއަށް ހައި ކޯޓުން ކަނޑައަޅާފައިވާ ފަނޑިޔާރެވެ. އަދި އޭނާ އަކީ އެ ކޮމިޝަންގެ ނައިބު ރައީސެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު އިސްތިއުފާދެއްވުމުންނެވެ.