ޖަޕާނުގެ މަޝްހޫރު ކުންފުނި ކަވަސާކީން ދުނިޔޭގެ ފުރަތަމަ ރޮބޯ އަސް "ކޯލިއޯ" ތަޢާރަފުކޮށްފި އެވެ.

ކަވަސާކީން ނެރުނު ނޫސް ބަޔާނުގައި މައުލޫމާތުދިން ގޮތުގައި، މި އާ ޓެކްނޮލޮޖީއަކީ ފަރުބަދަ އަދި ފެނުގެ ސަރަޙައްދުތަކުގައި ދަތުރުކުރުމަށް ފަސޭހަ އަދި ރައްކާތެރި ވަސީލަތެކެވެ.

ކަވަސާކީން ބުނެފައިވާ ގޮތުގައި، "ކޯލިއޯ" ނަމަކަށް ކިޔާ މި ރޯބޯ އަސް ހުންނަނީ ހަތަރު ފައިގެ މައްޗަށް ބިންމަތީގައި ސާބިތުވެ ހުންނަ ގޮތަށެވެ. ފަހަތު ފައިތަކުގައި ހަރުކޮށްފައިވަނީ ޝޮކް އެބްޒޯބަރުތަކެކެވެ. އަދި މި ފައިތައް ހަރަކާތްކުރަނީ ކުރީ ފައިތަކާ ވަކިންނެވެ. މޯޓާސައިކަލްގެ ސްވިންގްއާމް މެކޭނިޒަމްގެ އުސޫލުންނެވެ.

މި ޑިޒައިނުގެ ސަބަބުން ބިންމަތީގައި ދުއްވާއިރު ޖެހޭ އިމްޕެކްޓް އެބްޒޯބްކޮށް، ސަވާރުވެފައި ހުންނަ މީހާއަށް ހަމަޖެހޭ ގޮތަކަށް ތިބެވޭނެ އެވެ.

މި ފިއުޗަރިސްޓިކް ރޮބޯ އަސް ދުއްވާނީ އާންމު އަހެއް ފަދައިން ސަވާރުވެފައި ހުންނަ މީހާގެ ހަށިގަނޑުގެ ބަރުދަން ބަދަލުކޮށްގެންނެވެ. ކަވަސާކީން ބުނާ ގޮތުގައި ކޯލިއޯގެ ސަބަބުން އާ ދަސްވެނިންނަށް ފަރުބަދަ އަދި ފެނުގެ ސަރަޙައްދުތަކުގައި ދަތުރުކުރުން ފަސޭހަވެ، ރައްކާތެރިވާނެ އެވެ. މިފަދަ ސަރަހައްދުތަކުގައި ޓަޔަރު ހަރުކޮށްފައި ހުންނަ އުޅަނދުތަކުގައި ދަތުރުކުރުމަކީ ތަޖުރިބާކާރު މީހުންނަށް މެނުވީ އުނދަގޫ ކަމެކެވެ.

އެކުންފުނިން އިތުރަށް ބުނިގޮތުގައި ކޯލިއޯގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ މި އުޅަނދު ހައިޑްރޮޖަން ބޭނުންކޮށްގެން ދުއްވުމެވެ. ފިއުލް ރައްކާކުރަނީ ފަހަތު ފައިތަކުގެ އެތެރޭގައިވާ ޓޭންކެއްގަ އެވެ. އަދި ހައިޑްރޮޖަން ޕްރޮސެސްކުރަނީ ކުރީ ފައިތަކުގައި ހަރުކޮށްފައިވާ އިންޖީނަކުންނެވެ.

ކަވަސާކީގެ އުއްމީދަކީ މި އާ އީޖާދުގެ ސަބަބުން ދުވަހުން ދުވަހަށް ބޭނުންކުރާ އުޅަނދުތަކުގައި ހައިޑްރޮޖަން ބޭނުންކުރުން އާންމުވެގެން ދިއުންކަމަށް އެކުންފުނިން ބުނެފައިވެ އެވެ.