ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި އެވެ.
ޒަކިއްޔާގެ އާއިލާއާ ގާތް ގުޅުމެއް އޮތް ބައެއް ފަރާތަކުން އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައިވަނީ ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސްގެން މިދިޔަ ހަފުތާގަ އެވެ. އެކަމަކު، އޭގެ ނަތީޖާއެއް އަދި ހާމައެއް ނުކުރެ އެވެ.
ވާޗުއަލް އޮޓޮޕްސީގައި ބޭނުންކުރާނީ ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ސްކޭން ފަދަ ޓެސްޓްތަކެވެ.
ވާޗުއަލް އޮޓޮޕްސީއަކީ ސީޓީ ސްކޭން އަދި އެމްއާރުއައި ފަދަ ޓެސްޓުތަކާއި ހަށިގަނޑުގާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، މަރުގެ ސަބަބު ދެނެގަތުމެވެ. މިހެން ހަދާ އޮޓޮޕްސީން ވެސް ހަށިގަނޑަށް އައިސްފައިވާ އެކި ބަދަލުތައް ދެނެގަނެ ޒަހަމްތައް ލިބުމަށް މެދުވެރިވި ސަބަބު ހޯދެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ މައްސަލާގައި ހޮޅުދޫގެ މީހުން، ޒަކިއްޔާގެ ފިރިމީހާ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނައިރު މިހާތަނަށް އެ އާއިލާގެ ފަރާތުން ވަކި އެއްޗެއް ނުބުނެ އެވެ.
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާއިރު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޯޕްސީ ނުހެދުމަކީ ގޯސް ނިންމުމެއް ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ބުނީ ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.