މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒުވާން އަންހެނަކު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އޭނާ ހައްޔަރުކުރަން ނިންމީ ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށެވެ.
ފުލުހުން ބުނީ ރައުގެ ބަންދަށް ފަސް ދުވަސް ޖެހީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
އޭނާ ހައްޔަރުކުރީ އިއްޔެ އިރުއޮއްސި 6:20 ހާއިރުއެވެ.
މިއީ ރައުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ދެވަނަ ފަހަރެވެ. މީގެކުރިން ވެސް އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުން އޭނާ ދޫކޮށްލީ އެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ރައުދު ވަނީ ޕޮޒިޓިވްވެފަ އެވެ.
މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުނުކޮށް މައުލޫމާތު ސިއްރުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވި އެވެ.