ދޮޅު އަހަރު ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އަނެއްކާވެސް "ހުސް ވައުދުތަކެއް"ގެ ވާހަކަ ރައީސް ހިއްސާކުރައްވައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ރައީސް މީޑިއާތަކަށް ދައުވަތު ދެއްވައިގެން ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނިމިދިޔަ މަޖިލިސް ދެ ދައުރުގެ ރިޔާސީ ބަޔާނާ އެއްގޮތަށް ސަރުކާރުން ކުރުމަށް ރާވާފައިވާ ގިނަ ކަންކަން ވަނީ ހިއްސާ ކުރައްވައިފަ އެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މިސަރުކާރަށް ދެ އަހަރު ވެފައިވާއިރު، މާބޮޑު ކާމިޔާބެއް ނުވަތަ ނިންމުނު މަޝްރޫއެއް ފެނިފައިނުވެ އެވެ. މުޅިންވެސް ކުރިއަށް ރޭވިފައިހުރި އެތައް ކަމެއްގެ ވާހަކަ ރައީސް ވަނީ ދައްކަވާފަ އެވެ.

އެގޮތުން ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމާ ގުޅޭ އެއްވެސް މަޝްރޫއެއް ސަރުކާރަށް ނިންމިފައިނުވެ އެވެ. އަދި އެކަމަށް ހައްލު ގެނެސްދެއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް އެއްވެސް އާ ޕްރޮޖެޓެއް ފެށިފައި ނުވެ އެވެ.

ރައީސްގެ 100 އަށްވުރެ ގިނަ ސްލައިޑް ހިމެނޭ ޕްރެޒެންޓޭޝަންގައި ސަރުކާރަށް ލިބުނު އެއް ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވީ ޓޫރިޒަމް ދާއިރާއިން ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުވައި ގާނޫނުތަކަށް ގެނައި ބަދަލުގެ ސަބަބުން 214 މިލިއަން ޑޮލަރު މިހާތަނަށް މާރުކޮށްފައިވުމެވެ. އަދި ފަހަށް ރައްކާކުރާ ފަންޑަށް 121 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވީ މިކަމުގެ ސަބަބުން ބޭރަށް ފުރާ ދިވެހިންނަށް ދެމުން ގެންދާ ޑޮލަރުގެ އަދަދު އިތުރު ކުރެވޭނެ ކަމަށެވެ. އަދި ކްރިޑިޓް ކާޑްތަކުން ބޭރުގައި ވިޔަފާރި ކުރެވޭ އަދަދު ވެސް އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިކަމުން އަދި ރައްޔިތުންނަށް ލުޔެއް ނުލިބެ އެވެ.

މީގެ އިތުރުން ކާމިޔާބީއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމެވި ނިންމެވުމެވެ. އެ ނިންމުމަކީ ފަހުރުވެރި ނިންމުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އިޒްރޭލް ޕާސްޕޯޓް މަނާކޮށްފައިވަނީ މަޖިލީހަށް ހުށަހެޅިތާ އެތައް ދުވަހެއް ފަހުން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒު ވުމުންކަން ފާހަގަކޮށްލެވެ އެވެ. އަދި ބިލް ފާސްކުރީ ގިނަ ބަދަލުތަކަކާއެކު އެވެ. އެގޮތުން ޑުއަލް ޕާސްޕޯޓް ގެންގުޅޭ އިޒްރޭލް ކޮންމެ މީހަކަށްވެސް އަދިވެސް ރާއްޖެ އާދެވޭނެ އެވެ.

ރައީސް ނޫސްވެރިންނާއި ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއް ފަހުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި 2 ގަޑިއިރު ހޭދަ ކުރައްވާފައިވަނީ "ރައީސްގެ ހުސް ވައުދު" ތަކުގެ ވާހަކަ ދެއްކެވުމަށެވެ. މިކަމާއި ގުޅިގެން ބައެއް ނޫސްވެރިން ވަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.