ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާކުރި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ ކްލިނިކް ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.

ފިޒިއޯ ކްލިނިކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކްލިނިކުގައި މުވައްޒަފަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ ދެމެދުގައި ހިނގި މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ. މިފަދަ އަމަލުތަކަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

ފިޒިއޯ ކްލިނިކުން ބުނީ އެއީ އެ ކްލިނިކުން ގެންގުޅޭ އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށެވެ. އެހެންވެ ވަގުތުން އެ ކަމުގައި ޝާމިލްވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ކްލިނިކުން ބުންޏެވެ.

"މިކަމުގެ ސީރިއަސް ކަމަށް ބަލައި، ފިޒިއޯ ކްލިނިކް ވަގުތީ ގޮތުން ބަންދުކުރުމަށް ވަނީ ނިންމައިފައި،" އެ ބަޔާނުގައި ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެކަން ހިނގާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.

އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.