ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑުކޮށްފިއެވެ.

އެނގިފައިވާގޮތުގައި ޒީނިޔާ ސަސްޕެންޑުކޮށްފައި ވަނީ މާދަމާ އިން ފެށިގެން ތިން ދުވަހަށެވެ.

އޭނާއާ ގުޅޭގޮތުން މައްސަލައެއް ބަލަން އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެ މައްސަލައާ ގުޅިގެން ލިޔުމުން ޖަވާބުދާރީވާން ވެސް ޒީނިޔާއަށް ވަނީ ފުރުސަތު ދީފަ އެވެ.

އެ ކޮމިޝަނުގެ މެންބަރުންނާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ވަނީ ބްރޯޑްކޮމްގެ ރައީސާއި މެންބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ އެންމެހާ ކަންކަމަށް އެއްވެސް ހުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހުތިރާމު ކުރުމެއް ނެތި، މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުންދާ ކަމަށް ވެސް އެ ޕެޓިޝަނުގައިވެ އެވެ.

ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި މުވައްފަޒު އޭނާ އަދާކުރަމުންދިޔަ ޒިންމާތަކުން ނުރުހުމުގައި އެކަހެރިކޮށް، އޭނާ ޑިޕާޓުމަންޓު ބަދަލުކޮށް، ޑަބަލް ވިކްޓިމައިޒް ކުރި ކަމަށް ވެސް އެ ޕެޓިޝަނުގައި މެންބަރުންނަށް ތުހުމަތުކޮށްފައިވެ އެވެ.