ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޝަމްއާންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކަމަށެވެ.
ޝަމްއާންގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ މޯލްޑިވްސް އިމިގްރޭޝަންގައި އަމަލުކުރާ އާންމު އުސޫލާ ޚިލާފަށް، ކޮންޓްރޯލާގެ ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ފޮނުވައިގެން މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް "އިމިގްރޭޝަން ޗެކް"އަކަށް ކަމަށް ބުނެ ވަދެ، ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގަ އެވެ.
އެ ގޭގައި ހުރި ބަންގްލަދޭޝްގެ މީހަކު 530،000 ރުފިޔާ އާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދޫކޮށްދިނުމަށް އެދި އޭނާގެ ސްޕޮންސަރުގެ ނަމުގައި ސައްހަ ނޫން ސިޓީއެއް ހުށަހެޅުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ޝަމްއާން އެންގުމުން، ކޮންޓްރޯލާގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ ގ. ހެޕީސައިޑް، އިބްރާހީމް އަހުމަދު، އިމިގްރޭޝަންގައި ބޭނުންކުރަމުން ދިޔަ ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް އެ ދައުވާގައިވެ އެވެ.
އެވަގުތު އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން، އިބްރާހީމް އަހްމަދަށް އަންގާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. އަދި އޭނާ އެންގި ގޮތަށް އެ ފައިސާ ބިދޭސީމީހާ އަތުން އަތުލުމުން، އެ ފައިސާގެ ތެރެއިން 400،000 ރުފިޔާއާ ޝަމްއާން ހަވާލުވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
މި ދައުވާތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ބިދޭސީ މީހާ އަށް 500،000 ރުފިޔާ އަދި ދައުލަތަށް އިތުރު 400،000 ރުފިޔާ ނަގައިދިނުމަށް ކޯޓުގައި އެދިފައިވެ އެވެ.
މި މައްސަލާގައި ގ. ހެޕީ ސައިޑް، އިބްރާހީމް އަހުމަދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.
ތ. ބުރުނި، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކޮށްފައިވެ އެވެ. އަދި ގ. ހެޕީސައިޑް، ހަސަން ސެހެޝާންގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. މީގެ އިތުރުން މ. ހަޒާރީވިލާ، އަހުމަދު ލައްސާންގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ ޝަމްއާންގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.