ދައުލަތުގެ ބަޖެޓުން މުސާރަ ދޭ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ފިނޭންސް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

ދައުލަތުގެ ބަޖެޓުން މިދިޔަ އޭޕްރީލް މަހު މުސާރަ ދިން ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް "ހުރިހާ" އިން ހުށަހެޅި އާރްޓީއައި އަށް ފިނޭންސް މިނިސްޓްރީން ދިން ޖަވާބުގައި ވަނީ ސިޔާސީ މުވައްޒަފުންގެ ހަރަދުގެ މައުލޫމާތު ސީދާގޮތެއްގައި ބަލަހައްޓަނީ އެ ވުޒާރާއަކުން ކަމަށެވެ.

މިއީ އެ މައުލޫމާތު ނުދޭން އެ މިނިސްޓްރީން ދެއްކި ބަހަނާ އެވެ.

އެންމެފަހުން ރައީސް މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާތީ ނޫސްވެރިއަކު ވަނީ ގިނަ ސުވާލުތަކެއް އެމަނިކުފާނަށް އަމާޒުކޮށްފަ އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު އެރޭ ހާމަކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ދެކޮޅު ހަދައި ރައީސް އޮފީހުން ވަނީ މީގެކުރިން ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެއީ ކޯޓަށް މައްސަލަ ހުށަހެޅިކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.